އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖީންޕިންގްއަކީ، ޒަމާނުއްސުރެ އެ ދެގައުމުގެ ދެމެދުގައި ދިގުލާ ގޮސްފައިވާ މައްސަލަތައް ހައްލު ކުރެވޭ ވަރުގެ ޒިންމާދާރު ލީޑަރުން ކަމަށް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ކަން މިހެން އޮތްއިރު، ސަރަހައްދީ އިތުރު ބާރަކުން މި ކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށްވެސް ޕޫޓިން ވަނީ ފާހަގަ ކުރައްވާފައެވެ.

މިފަދަ ރޫހެއްގައި ޕޫޓިން ވާހަކަފުޅުދައްކަވާފައި މިވަނީ، އިންޑިއާ، އެމެރިކާ އަދި ޖަޕާނާ އޮސްޓްރޭލިއާ ބައިވެރިވެފައިވާ "ކުއަޑް" އިއްތިހާދަށް ފާޑުވިދާޅުވަމުންނެވެ. ޕޫޓިންއަކީ ކުއަޑް އިއްތިހާދަށް ސިލްސިލާ ގޮތެއްގައި ފާޑުވިދާޅުވާ ލީޑަރެކެވެ.

މި މޭރުމުން ޕޫޓިން އިތުރަށް ވިދާޅުވީ، ގައުމުތަކުން ގުޅުންތައް ދަމަހައްޓާ ގޮތަކަށް ފާޑުކިއުމަކީ ރަޝިއާގެ އިހުތިސޯސްގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މިފަދަ އެއްވެސް ގުޅުމަކީ ވަކި މީހަކާ ދެކޮޅަށް އެކުލަވާލާ ގުޅުމަކަށް ވެގެން ނުވާނެ ކަމަށްވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ކުއަޑްގެ އިއްތިހާދީ ގައުމުތަކަކީ، ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައިވެސް ފާޅުގައި، ޗައިނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން އަންނަ ގައުމުތަކެކެވެ. ޗައިނާއިން ތުހުމަތު ކުރާ ގޮތުގައި ކުއަޑްގެ އިއްތިހާދަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެ ގައުމުގެ ބާރު ކަނޑުވާލުމަށް ހަރަކާތްތެރިވާ އިއްތިހާދެކެވެ.

މި ދަނޑިވަޅަކީ ޗައިނާއާއި ރަޝިއާގެ ގުޅުންތައް އިތުރަށް ބަދަހި ވަމުން އަންނަ ދަނޑިވަޅަކަށް ވާއިރު، އިންޑިއާއާއި ރަޝިއާގެ ދިފާއީ ގުޅުމަށް އެކަމުގެ އަސަރު ފޯރާފާނެތޯ ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރަޝިއާގެ ރައީސް ވަނީ، އިންޑިއާއާއި ރަޝިއާގެ ގުޅުން އިންތިހާ ހަލުވި ދުވެލީގައި، ކާމިޔާބުވެ ބަދަހިވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާއާއި ރަޝިއާގެ ގުޅުމަކީ ހަމައެކަނި ދިފާއީ ހަތިޔާރުގެ ގަތުމުގެ ވާހަކަ ދައްކަން އޮތް ގުޅުމެއް ނޫންކަމަށާ، އެ ގުޅުމަކީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށްވެސް ޕޫޓިން ވަނީ ސިފަކުރައްވާފައެވެ.