ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެޗްޑީސީއާ ގުޅިގެން ސޮފްޓްވެއާ ޑިވެލޮޕަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ އަކީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ އަވަށަކަށް ހަދާ ސްމާޓް ސިޓީއެއްގެ ކުލަވަރު ޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މުޖުތަމައުއަށް ފައިދާ ހުރި ފަންނީ ދާއިރާތަކުން މީހުން ބިނާކޮށް އެ ފަރާތްތަކަށް ހުރި ފުރުސަތުތައް އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން އެޗްޑީސީގެ ފަރާތުން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލްއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތުގެ އެންމެބޮޑު އެއް ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތުތައް އިތުރުކޮށްދީ އެޗްޑީސީގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރި ކުރުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތަކީ އެޗްޑީސީގެ ހިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ "ގޯ ބިޔޯންޑް" ހުޅުމާލޭގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެޗްޑީސީއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިފަދަ ފަރާތްތަކަށް ޕޫލް އެކުލަވާލުމުގައި ހާއްސަ އަހައްމިއްޔަތު ކަމެއް ދެވިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީން ބުނީ ޓީއޯއާރް އަށް ޕްރޮޕޯސަލް ހުށަހެޅުމުގައި އެކުލަވާލާ ޓީމުގެ މެންބަރުންނަކީ ދިވެހިން ކަމުގައި ވާންޖެހޭނެ ކަމަށެވެ. ނަމަވެސް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނިދާނެ ކަމަށެވެ.

މިކަން ކަނޑައެޅިފާވަނީ ދާއިރާގައި މަސައްކަތްކުރުމުން އަންނަ ގިނަ ދިވެހިންނަށް ފުރުސަތުތައް އިތުރު ކުރުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޓީއޯއާރް އާ އެއްގޮތަށް ޖޫން 14، 2021 ގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.