ކޮވިޑް-19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 182 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެޗްޕީއޭއިން މިއަދުގެ މިހާތަނަށް ކޮވިޑްގެ ފަސް މަރެއް ރިޕޯޓްކޮށްފައިވާ އިރު މީގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ އެޗްއެމްއެފް ގައި ފަރުވާ ދެމުން ދިޔަ ހަތަރު މީހަކާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ޑީއެޗް-11 ގައި ފަރުވާ ދެމުން ދިޔަ މީހަކު ހިމެނެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އެޗްއެމްއެފްގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެއް ރޭ 11:34 ގައި މަރުވެފައިވާ ކަމަށާ މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 178 ވަނަ މީހާ ކަމަށެވެ.
އެޗްއެމްއެފްގައި އޮތް އުމުރުން 64 އަހަރުގެ އަންހެނެއް ރޭ ދަންވަރު 12:42 ގައި ކޮވިޑްގައި މަރުވެފައިވާ އިރު ރޭ 12:52 ގައި ވެސް އެފެސިލިޓީން ވަނީ އިތުރު މަރެއް ރިޕޯޓްކޮށްފައެވެ. އެއީ އުމުރުން 79 އަހަރުގެ އަންހެނެކެވެ. މިއާއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 180 އަށް އެރިއެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ މިއަދު ފަތިހު 04:19 ގައި ޑީއެޗް-11 ގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ 28 އަހަރުގެ އަންހެނެއް ވެސް މަރުވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އަކީ ގއ.ދާންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 182 އަށް އަރާފައިވަނީ މިއަދު ހެނދުނެވެ. އެއީ އެޗްއެމްއެފްގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެއް މި ބަލީގައި މަރުވުމާ ގުޅިގެންނެވެ.