ކޮވިޑް-19 ގައި 28 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު ފަތިހު 04:19ގައި ޑީއެޗް 11ގައި ފަރުވާދެމުން ދިޔަ 28 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އަކީ ގއ.ދާންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ.
އެޗްޕީއޭއިން ވަނީ މިއަދުގެ މިހާތަނަށް ކޮވިޑްގެ ފަސް މަރެއް ރިޕޯޓްކޮށްފައެވެ. އަދި މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 182 އަކަށް އަރާފައެވެ.
އިއްޔެ ކޮވިޑުގައި ތިން މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި އައިޖީއެމްއެޗް އީއާރަށް ގެންދިޔަ ސްރީލަންކާގެ 37 އަހަރުގެ ފިރިހެނަކު ހިމެނެއެވެ. އޭގެ އިތުރުން އުމުރުން 77 އަހަރުގެ ފިރިހެނަކު ވެސް ވަނީ މި ބަލީގައި މަރުވެފައެވެ. އެމީހާ މަރުވެފައި ވަނީ ދ. ބަނޑިދޫގައެވެ. އަދި ތިން ވަނަ އަށް މަރުވެފައިވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ މިހާތަނަށް 454 ދުވަސްވެފައި ވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެންމެ ގިނަ މީހުން މަރުވި ދުވަހެއްގެ ގޮތުގައި ރިޕޯޓް ކޮށްފައި ވަނީ މެއި 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.