އެމްބިއުލާންސް އައުން ލަސްވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުން ލަސްވުމުން އުމުރުން 10 އަހަރުގެ ފާތިމަތް މިޝްކާ މުހައްމަދު ކޮވިޑް ބަލީގައި މަރުވި މައްސަލަ މަޖިލީހަށް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އެވެ.

ހައިތަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ގައި ވަނީ އާއިލާ އާ ސޯޝަލް މީޑިއާއިން މައުލޫމާތު ލިބުނު ގޮތުގައި މިޝްކާގެ ހާލު ދެރަވަގެން އެޗްޕީއޭ އަށް ގުޅުމުން އެމްބިއުލާންސް އައިސްފައިވަނީ 2 ގަޑިއިރާ 20 މިނެޓް ފަހުން ކަމަށެވެ. އަދި މިއީ ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިދިޔަ ފުރަތަަމަ ފަހަރު ނޫންކަމަށްވެސް ހައިތަމްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މިގޮތަށް ތަކުރާރުވަމުންދާ ސަބަބު ދެނެގަތުމަށް، ސިއްީ ފަރުވާ ލިބުން ލަސްވާ ސަބަބާއި މިކަން މިއަށްވުރެ ފަރުވާތެރިކަމާއެކު ނުގެންދެވޭ ސަބަބާއި މާލޭގެ އާބާދީއާއި އެކަށީގެންވާ ވަރަށް ހިދުމަތްދެވޭނެ އަދަދަށް ސިއްހީ އާލާތް ހުރިތޯ ބެލުމުގެ އިތުރުން މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ސުވާލުކުރެވެންޖެހޭކަމަށް ހައިތަމްގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

އަދި އިތުރު ފުރާނައެއް ގެއްލިގެން ނުދަނިސް މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަޖިލީހުގެ އިދާރާއަށް ހާޒިރުކޮށް މި މައްސަލަ ވީހާވެސް އަވަހަށް ބައްލަވައިދެއްވުމަށްވެސް ހައިތަމް އެދިފައިވެއެވެ.

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްވަލައި ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީކަންވެސް އޭނާ ދެއްވައެވެ.

މީގެ ކުރިންވެސް ދިމާވެފައިވާ މިފަދަ މައްސަލަތައް ބައްލައި ތަހުގީގު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީއާއި އެޗްޕީއޭއިން ބުނި ނަމަވެސް މިހާތަނަށް އެއިން ތަހުގީގެއްގެ ނަތީޖާ އައިގޮތެއް ހާމަ ކޮށްފައެއް ނުވެއެވެ.