ކޮވިޑް ޖެހިގެން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާދެމުން ދަނިކޮށް ރޭ 12:10 ހާއިރު މަރުވި 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު، ލާޖަހާގެ / ހދ. ކުޅުދުއްފުށި އަކީ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އިމާދުއްދީން ސުކޫލުގެ ޑައިމަންޑް ކުލާހުގައި ތައުލީމު ހާސިލުކުރަމުން ދިޔަ މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެ، މެއި 31، 2021 ވަނަ ދުވަހު ހޮސްޕިޓަލަށް ގެންދިއުމާ ހަމައަށްވެސް ހާލު ރަނގަޅު ކަމަށް އާއިލާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ މިޝްކާ އާއި އޭނާގެ މަންމަ އާއި ބައްޕަވެސް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ރޭ ދަންވަރު މިޝްކާ ގެ ހާލު ސީރިއަސްވެ ވަނީ މަރުވެފައެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން އިއްޔެ ރޭ (ޖޫން 1، 2021) މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން ރޭގަނޑު 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް ގުޅިފަހުން ރޭގަނޑު 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދުވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

މިޝްކާގެ ހާލު ސީރިއަސްވެގެން އެމްބިއުލާންސް އަށް ގުޅުމުން އެތަނަށް ދިޔުމަށް އެތައް އިރެއް ހޭދަވީ އިރު، މީގެ ކުރިންވެސް ބަލިމީހުންގެ ހާލަތު ގޯސްވެގެން އެމްބިއުލާންސް ގެ ހިދުމަތް ހޯދަން ދަތިތަކާ ކުރިމަތިވި އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. އެޗްޕީއޭ އަށް ތަކުރާރުކޮށް ގުޅުމުންވެސް ކޮންމެ ފަހަރަކު ބުނަނީ އެމްބިއުލާންސް ގޮސްފާ ކަމަށް އާއިލާއިން ބުނެއެވެ. އެމްބިއުލާންސް ލަސްވެގެން އައިޖީއެމްއެޗް އަށް ގުޅާ އެމްބިއުލާންސް އެއް ފޮނުވުމަށް އެދުނު ކަމަށާ، ކޮވިޑަށް ޕޮޒިޓިވްވެފައި ތިބުމުން އެމްބިއުލާންސް ފޮނުވުމަށް އައިޖީއެމްއެޗް އިން ދެކޮޅު ހަދާފައި ވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

އެމްބިއުލާންސް ލަސްވެގެން އައިޖީއެމްއެޗް އަށް ގުޅާ އެމްބިއުލާންސް އެއް ފޮނުވުމަށް އެދުނު ކަމަށާ، ކޮވިޑަށް ޕޮޒިޓިވްވެފައި ތިބުމުން އެމްބިއުލާންސް ފޮނުވުމަށް އައިޖީއެމްއެޗް އިން ދެކޮޅު ހެދި

އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރެއް ކަމަށްވާ ފައުޒިއްޔާ މަހުމޫދު ވިދާޅުވީ މިޝްކާ އަކީ ވަރަށް ރަނގަޅު ކިޔެވުމަށް ވަރަށް މޮޅު ޓެލެންޓެޑް އަދި ކުރިއަރަމުން އަންނަ ކުއްޖެއް ކަމަށެވެ. މިޝްކާ އިމާދުއްދީން ސްކޫލާ ގުޅިފައިވަނީ 2018 ވަނަ އަހަރު ކަމަށާ އިމާދުއްދީން ސުކޫލާ ގުޅުނީއް ސުރެ ސުކޫލުގައި ހިންގާ ހުރިހާ ހަރަކާތްތަކުގައި ބައިވެރިވާ އަދި ގައުމީ ހަރަކާތްތަކުގައި ވެސް ބައިވެރިވާ ދަރިވަރެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ މުބާރާތްތަކުގައި ބައިވެރިވެގެން ވަރަށް ގިނަ ކާމިޔާބީތައް ހޯދައިފައިވާ ދަރިވަރެއްކަންވެސް ވަނީ ފާހަގަ ކުރައްވާައެވެ.

ލީޑިން ޓީޗަރު ވިދާޅުވީ ކޮވިޑްގެ ހާލަތު އައި ފަހުން އޮންލައިންކޮށް ބޭއްވި ހުރިހާ މުބާރާތެއްގައިވެސް ބައިވެރިވެ ކާމިޔާބުތަކެއް މިޝްކާ ހޯދައިފައި ވާ ކަމަށެވެ. މިޝްކާ އަކީ މިޝްކާގެ މަންމަ އާއި ބައްޕަގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބިގެން ކުރާ ހިތުން ކަންތައްތައް ކުރާ ކުއްޖެއް ކަމަށް ފައުޒިއްޔާ ފާހަގަ ކުރައްވައެވެ. އަދި އެސެމްބްލީއާއި ސުކޫލުގައި ބާއްވާ އެކިއެކި ޖަލްސާ ތަކުގައި ޅެމާއި ރައިވަރު އަދި ބަނދި ކިޔުން ފަދަ ހުނަރުތައް ދައްކާފައިވާ ދަރިވަރެއްކަންވެސް ފައުޒިއްޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހް ވެސް ވިދާޅުވީ މިޝްކާ އަކީ ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށެވެ. އަދި ކިޔެވުމުގައާއި، އިތުރު ހަރަކާތްތަކުގައިވެސް ވަރަށް އެކްޓިވް ކުއްޖެއް ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވެފައި ވެއެވެ.

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްވަލައި ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީްކަންވެސް އޭނާ ދެއްވައެވެ. މީގެ ކުރިންވެސް ދިމާވެފައިވާ މިފަދަ މައްސަލަތައް ބައްލަވައި ދެއްވާ ތަހުގީގު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓްރީއާއި އެޗްޕީއޭއިން ބުނި ނަމަވެސް މިހާތަނަށް އެއިން ތަހުގީގެއްގެ ނަތީޖާ އައިގޮތެއް ހާމަ ކޮށްފައެއް ނުވެއެވެ.