ކޮވިޑް ބަލީގައި ރާއްޖެއިން އަނެއްކާވެސް މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 161 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ އުމުރުން 83 އަހަރުގެ މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ މިއަދު 03:00 ހާއިރު ކަމަށެވެ.

މިއީ މިއަދު މިބަލީގައި މަރުވި 3 ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:37 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ދެވަނަ މީހާ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދަނިކޮށް އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަރާއެކު މިމަހުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 88 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.