ރާއްޖޭގައި ގޮދަން ފުށް އުފައްދާ ފެކްޓަރީއެއް ގާއިމުކުރުމަކީ އަމާޒެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު އެހެން ވިދާޅުވީ ވާޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަމްރު ވިދާޅުވީ ރާއްޖެ އަށް ގޮވާން އެތެރެކޮށްގެން، ގޮދަން ފުށް ތައްޔާރުކުރުމަށް ވިސްނުން ގެންގުޅޭ ކަމަށާއި އެކަން ކުރުމަށްޓަކާ ގޮދަން ފުށް ތައްޔާރުކުރާ ފެކްޓަރީއެއް ގާއިމު ކުރުމަށް ހަދަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.

މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.

އަމްރު ވިިދާޅުވީ މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދާ، ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދާ ހިދުމަތް ދިނުމަކީ ވެސް އަމާޒެއް ކަމަށެވެ. އަދި ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާ ކަމަށް އަމްރު ވަނި ވިދާޅުވެފައެވެ.

އޭގެ އިތުރުން އެސްޓީއޯގެ ވިޔަފާރި ރާއްޖޭން ބޭރަށް ގެންދިއުމަކީ ވެސް މުހިންމު ލަނޑުދަނޑިއެއް ކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.