ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރުމުން މާލޭގައި ދިރިއުޅޭ ކުޑަ އާއިލާއެއް ނަމާދުކުރުމުން މަހުރޫމްވެފައިވާކަމަށް މާލޭ ސިޓީކައުންސިލްގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިކަމެތި ރައްޔިތަކު ހިއްސާކުރި ވާހަކައެއްކަމަށް ވިދާޅުވެ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ 5 ދަރިންނާއި، ބަލި މަންމައެއް ގޮވައިގެން އުޅޭ ދެމަފިރިން ދިރިއުޅެމުންދަނީ 12 ފޫޓް 10 ފޫޓްގެ ކޮޓަރިއެއްގައި ކަމަށާއި ނިދަނީ ޑިއުޓީ ބަހައިގެން ކަމަށެވެ. އަދި ނަމާދު ކޮށްލާނެ ޖާގައެއް ކޮޓަރީގައި ނެތުމުގެ ސަބަބުން މިސްކިތައް ދިޔުމުން ފުލުހުން ހުއްޓުވާ ފޮނުވާލާ ކަމަށްވެސް އެ މަނިކުފާނު ކުރެއްވި ޓުވީޓުގައި ވެއެވެ.

މި ލޮކްޑައުންގެ ތެރޭގައި ނަމާދުކޮށްލާނެ ޖާގައެއް ގޭތެރޭގައި ނެތް މީހުން ފަރުޟު އަޅުކަން ކުރުމުން މަހުރޫމުކުރަންވީހޭ އެމަނިކުފާނަށް އަސަރާއެކު ސުވާލުކުރައްވާފައިވާކަމަށް މުއިއްޒުގެ ޓުވީޓުގައިވެއެވެ.

"ޖަމާޢަތް ހެދުން ހުއްޓުވަން ފުލުހުން މިސްކިތަށްވަދެ އެކަން ކުރަންވީނުންހޭ ތިމަންނަމެން ކަހަލަ، ނަމާދުކޮށްލަން އެއްވެސް ޖާގަައެއް ގޭތެރޭގައި އަމުދުން މި ލޮކްޑައުން ހާލަތުގައި ނެތް މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ މަހުރޫމް ކުރަންވީ"

މުއިއްޒު ވިދާޅުވެފައިވަނީ މިއީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ ހާލަތު ހުރިގޮތް ކަމަށެވެ. އަދި މިޔާސަތަކީ ރައްޔިތުންނަށްޓަކައި ހަދާ އެއްޗަކަށް ވަނީނަމަ ރައްޔިތުންގެ އަޑު އަހައިގެން އެ ސިޔާސަތެއް ހެދުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ފިޔަވަޅުތަކެއް އަޅާ ތަންފީޒުކުރަން ފަށާފައިވާއިރު މާލޭގެ މިސްކިތްތައް ބަންދުކޮށް މި ނިންމުން ތަންފީޒުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލްގައި އެދިފައެވެ.