މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން 17 ގައިދީއަކީ ހައިރިސްކް މީހުންނަށް ވާތީވެ ވަގުތީގޮތުން ގެއަށް ބަދަލުކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ޔުސްރީން އަހްމަދު ވިދާޅުވީ އެ ފަރާތްތައް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ޖަލުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އަދި ޖަލުގައި ކޮވިޑް ބަލި އުޅޭތީ ގައިދީންގެ ތެރޭގައި ތިބި ހައިރިސްކް މީހުން ދެނެގަތުމަށް ރިސްކް އެސެސްމަންޓެއް ހަދާފައިވާ ކަމަށާއި އެ ސެސްމަންޓްގެ ނަތީޖާއަށް ބަލާއިރު ހައިރިސްކް ގައިދީންގެ ގޮތުގައި 40 މީހަކު ފާހަގަ ކުރެވިގެން އެ މީހުން ގެއަށް ބަދަލުކުރަން އެދުމުން މިހާތަނަށް އާއިލާ އިން ހަވާލުވެގެން ގެއަށް ބަދަލުކުރެވުނީ 17 ގައިދީން ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ބާކީ ތިބި 23 ގައިދީން ވެސް އާއިލާތަކާ ވަގުތީ ގޮތުން ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައިދީން ގެއަށް ބަދަލު ކުރަމުން ދާއިރު، މިދިޔަ މަސް ތެރޭގައި ވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައެވެ. ނަމަވެސް ޔާމީން ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި، މާލެ ޖަލާއި، އައްސޭރި ޖަލުން ކޮވިޑް-19 ގެ 100 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. ނަމަވެސް މިހާތަނަށް މާފުށި ޖަލުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އެއްވެސް ގައިދީ އެއް ނެތެވެ.