އުމުރުން އެންމެ 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކޮވިޑް ވެކްސިނެއް ޓެސްޓު ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އިންޑިއާގެ މަލްޓިނޭޝަނަލް ފާމަސޫޓިކަލް ކުންފުނި، ޒައިޑަސް ކެޑީލާއިން ބުނެފިއެވެ.

ޒައިޑަސް ކެޑީލާއިން މިހާރުވެސް ވަނީ، އެކުންފުނީގެ ޒައިކޯވް-ޑީގެ ނަން ދީފައިވާ ކޮވިޑް ވެކްސިން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ހަށިގަނޑުގައި ޓެސްޓުކޮށްފައެވެ. މި އުމުރުފުރާގެ ކުލިނިކަލް ޓްރަޔަލްގައި ޒައިޑަސް ކެޑީލާއިން ވަނީ، 800 އަށް ވުރެ ގިނަ ކުޑަކުދިން ބައިވެރިކޮށްފައެވެ.

ކެޑީލާ ހެލްތުކެއާ ލިމިޓަޑްގެ މެނޭޖިންގް ޑައިރެކްޓާ، ޑރ ޝަރުވީލް ޕަޓޭލް ވިދާޅުވީ، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ހަށިގަނޑުގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާ، މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް، ކަމާ ބެހޭ ފަރާތްތަކުގެ ސިއްކަ ލިބޭނެ ކަމަށެވެ.

ކުރިއަށް އޮތީ 5 އަހަރާއި 12 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންގެ ޓެސްޓުތައް ކަމަށާ، ޒައިޑަސް ކެޑީލާގެ ވެކްސިންގެ އެންމެ ހާއްސަ ކަމަކީ، ކަށި ޖަހަން ނުޖެހި ވެކްސިންގެ މަންފާ ލިބުން ކަމަށްވެސް ޑރ ޕަޓޭލް ވަނީ ވިދާޅުވެފައެވެ.

ޒައިޑަސް ކެޑީލާގެ ކޮވިޑް ވެކްސިނަށް އިންޑިއާއިން ރުހުން ދޭނެ ކަމަށް ބެލެވެނީ، ކުރިއަށް އޮތް ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ތެރޭގައެވެ.