ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުވާލާ، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރުފު ކުރި އިނާމެއް ކަމަށެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާ، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނީ މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި، ނުވަތަ ހިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެންނާއި، ރައީސްގެ އޮފީހަށް ވަކިން ފޯމު ހުށަހަޅައިގެން ކަމަށެވެ. އަދި އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނީ، މާދަމާ ފެށިގެން އޮގަސްޓު 12، 2021 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން އިނާމަށް ހުށަހަޅާ ފޯމު ރައީސްގެ އޮފީހުން ބަލައިގަންނާނީ، ޖުލައި 1، 2021 އިން ފެށިގެން އޮގަސްޓު 12، 2021 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާބެހޭ ކޮމިޓީން ބަލާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތައް ހިމެނެއެވެ. އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށް ވެސް ބަލާނެއެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީން ކުރާނެއެވެ.
އިނާމު ދިނުމުފައި ކޮމިޓީން ބައްލާނެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، އިނާމަށް ހުށަހަޅާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، ޝަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެއެވެ. އަދި އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާ، އެމީހާގެ މައްޗަށް ޝަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަން ޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވާން ޖެހެއެވެ.
އިނާމަށް ހުށަހެޅިފައިވާ މީހަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއްކަމުގައި ވާންޖެހޭނެއެވެ. އަދި އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދަޢުވާއެއް އުފުލިފައިވާ މީހެއްކަމުގައި ވެގެނެއް ނުވާނެއެވެ.
މީގެ އިތުރުން، (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި "ޖިނާއީ ބޮޑު ކުށެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަހުގީގެއް ހިންގަމުންދާ މީހެއްކަމުގައި ނުވުމާ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ..