ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 10 ފަރާތެއް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ހެލްތް އެމަޖެންސްީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ޖެހިގެން ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 12 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާ 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށެވެ.

ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 7 އަހަރުގެ ކުއްޖަކުވެސް ވަނީ ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން މި ކުއްޖާއަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ. އަދި މިއީ ކޮވިޑް ޖެހިގެން ވެންޓިލޭޓަރު ގައި ފަރުވާދެމުން އަންނަ އެންމެ ހަގު ކުއްޖާއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1062 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން 699 މީހުންނާ، އަތޮޅުތެރެއިން 353 މީހުންނާ ހަދަމުންދާ ރަށްތަކުން އެއް މީހެކެވެ. މޭ މަސް ފާހަގަ ކުރެވިފައިވަނީ ކޮވިޑް ކޭސްތައް ވަރަށް އިތުރުވި މަހެއްގެ ގޮތުގައެވެ. އެގޮތުން މި މަހުގައި މިހާތަނަށް 32،669 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިމަސް ފެށުނު އިރު އެކްޓިވް ކޭސްގެ އަދަދު 5،221 އަށް ހުރިއިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ 24،507 މީހުން އެބަތިއްބެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި އެކަނި މި ބަލީގައި 85 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ.