"އިންޑިއާ އައުޓް" ގެ އަޑެއް ބަޑެއް ނީވި ބަނޑު ދަމާލައިފައި އޮތް މި ދަނޑިވަޅުގައި ދިވެހިންގެ ލޭ ހޫނު ކޮށްލީ އިންޑިއާއިން އައްޑޫގައި ކޮންސުލޭޓެއް ގާއިމު ކުރަން އުޅޭ ވާހަކައިންނެވެ.

އިންޑިއާ ސަރުކާރަށް 100 ޕަސެންޓް ލެނބިގެން އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދެނަހުރި ކަމަށް ނަހަދާ ތިއްބާ ކޮންސުލޭޓެއް ހަދަން އިންޑިއާގެ ޔޫނިއަން ކެބިނެޓުން ފާސްކުރި ވާހަކަ އެގައުމުން އިއުލާން ކުރީ މެއި 25، 2021 ގައެވެ. އެއާއެކު ދިވެހިންގެ ޝުއޫރުތައް ވަނީ އެ މައްސަލައިގައި ހަރުއަޑުން ފާޅުކޮށްފައެވެ. އެއްބަޔަކަށް އެކަން ރަނގަޅު ވާ އިރު އަނެއް ބަޔަކަށް އެއީ ދަންތުރައެކެވެ. ދިވެހިން އަޅުވެތި ކުރުމަށް އިންޑިއާއިން ހިންގާ ސިއްރު އެޖެންޑާގެ ފަހު ބޮޅެވެ.

ކޮންސުލޭޓެ ރަނގަޅުވެގެން ވާހަކަ ދައްކާ މީހުން ބުނަނީ، އެކަމުގެ ސަބަބުން އައްޑުއަށް ބޮޑު ތަރައްގީއެއް އަންނާނެ ކަމަށެވެ. ވިޔަފާރީގެ ފުރުސަތުތަކާއި އުމްރާނީ އެތައް ކަމަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެކަމަށް ތާއީދުކުރާ އެހެން ބައެއް މީހުން ބުނަނީ، އައްޑުއަށް ސީދާ ފްލައިޓް އަންނަން "އޯކޭ" ވެފައި، ކާގޯ ފެރީވެސް "އޯކޭ" ވާއިރު ކޮންސިއުލޭޓް އޯކޭ ނުވާންވީ ސަބަބެއް ނޭނގޭ ކަމަށެވެ.

ކޮންސުލޭޓް އޯކޭ ނުވާ މީހުން ބުނަނީ ކީކޭ؟

އިންޑިއާގެ ކޮންސުލޭޓެއް އޯކޭ ވާ މީހުންނަށް ވުރެ އޯކޭ ނުވާ މީހުން ގިނައެވެ. އެމީހުން ދައްކާ ވާހަކަތައްވެސް ގިނައެވެ. އެކަން ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުން ފެންނަން އެބަހުއްޓެވެ.

ކޮންސުލޭޓް އޯކޭ ނުވާ މީހުން ބުނަނީ، އައްޑޫގައި އިންޑިއާގެ އިހުތިސޯސް ހިނގާ ގޮތަށް އިމާރާތެއް ނުތަވަ ސަރަހައްދެއް ގާއިމު ކުރަނީ ރާއްޖޭގެ މައްޗަށް އަތްގަދަކުރަން ކަމަށެވެ. ރާއްޖޭގައި އިންޑިއާއިން ހިންގާ އެކިއެކި އުމްރާނީ މަސައްކަތްތައް އައްޑޫގައި ކޮންސުލޭޓެއް ނުހެދިޔަސްް ހިންގޭނެ ކަމަށެވެ. ވިޔަފާރިވެސް ކުރެވޭނެ ކަމަށެވެ.

އަދި އެހެން ގައުމެއްގެ ކޮންސުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާ ކިހާ ގާތް ގުޅުމެއް އޮތް ކަމެއް ތޯ އެނގެން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭ ވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރުވެސް ފެންނަން ޖެހޭނެ ކަމަށެވެ.

ކޮންސުލޭޓު ހަދާ ބޭނުން

ކޮންސުލޭޓެއް ހަދާއިރު އިންޑިއާއިން ބަލާ ކަންތައްތަކެއް ހުރެއެވެ. އެހުރިހާ ކަމެއްގެ ވާހަކަ ނުދައްކާ ޖުމްލަ ވާހަކައެއް ބުނާނަމަ ބޭނުމަކީ އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. އެ މަސްލަހަތުގެ ތެރޭގައި ސިޔާސީ، އިޖުތިމާއީ، އިގްތިސޯދީ މަސްލަހަތު ހިމެނެއެވެ.

މިހާތަނަށް 25،000 ހަމަ ނުވާ އާބާދީއެއްގައި އިންޑިއާގެ ކޮންސުލޭޓެއް ހަދާފައި ނުވުމާއިި، އައްޑޫގައި އިންޑިއާގެ 5000 މީހުންވެސް ނޫޅެ އިރު ކޮންސުލޭޓެއް ހަދަނީ ކީއްވެގެންތޯ "ދް ޕްރެސް" އިން އިންޑިއާ ހައިކޮމިޝަނާ ސުވާލު ކުރީމެވެ.

ޖަވާބުގައި ހައިކޮމިޝަނުން ބުނީ، އިންޑިއާއިން އައްޑޫގައި 200 މިލިއަން ޑޮލަރުގެ މަޝްރޫއު އެބަ ހިންގާ ކަމަށެވެ. އޭގެ ތެރޭގައި އައްޑޫގެ މަގުތަކާއި ބިން ހިއްކުމާއި ގަމުގެ އެއާޕޯޓު ތަރައްގީ ކުރުމާއި މަސް ފެކްޓަރީ ތަކާއި ފަތުރުވެރިކަމުގެ ސަރަހައްދުތައް ތަރައްގީ ކުރުމާއި ރީހެބް ފެސިލިޓީގެ ހިމެނޭ ކަމަށެވެ.

އަދި އެ މަސައްކަތްތަކުގެ ބޭނުމަކީ އިންޑިއާއާއި އައްޑޫގެ ވިޔަފާރިއާއި އިގްތިސޯދީ ގުޅުން ހަރުދަނާކޮށް އައްޑުއަކީ ވިޔަފާރި ހަބަކަށް ހެދުން ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނާއި އިންޑިއާގެ ރައްޔިތުންނަށް މާލެ ނައިސް ވިސާ ހަމަޖެއްސުން ފަދަ ކަންކަން ކުރެވޭނެ ކަމަށާއި، ކޮންސުލޭޓް އޮފީހަކީ އެންމެންގެ ފަސޭހައަށް ހުންނާނެ ތަނެއް ކަމަށެވެ.

ހައިކޮމިޝަނުން އިތުރަށް ބުނީ، ކޮންސުލޭޓް ހުންނާނެ ތަނަކީ ހުރިހާ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ތަނަކަށް ވާނެ ކަމަށާއި، އައްޑޫގައި ހުންނަ ޕޮލިސް ޓްރޭނިން ފެސިލިޓީ ތެރޭގައި ޑިޕްލޮމެޓިކް ފެސިލިޓީއެއް ނުހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ހައިކޮމިޝަނުން ބުނީ، އިންޑިއާގައި ރާއްޖޭގެ އޮނަރަރީ 4 ކޮންސުލޭޓް ހުންނަ އިރު އެއިން އެއްވެސް ތަނެއްގައި 200-300 ދިވެހިންވެސް ނޫޅޭ ކަމަށެވެ. އަދި އެ 4 އޮފީހުގެ އިތުރުން ޓްރިވެންޑްރަމުގައި ކޮންސުލޭޓް ޖެނެރަލް އޮފީހެއްވެސް ހަދާފައި ވަނީ ވިޔަފާރިއާއި އިގުތީސޯދީ ފަސޭހަތައް ހޯދަން ކަމަށެވެ.

ކަންބޮޑުވަނީ ކޮން ކަމަކާ؟

ކޮންސުލޭޓުގެ ބޭނުން އިންޑިއާއިން ބުނި ނަމަވެސް ދިވެހިން ކަންބޮޑުވާ ސަބަބުތަކަށް ޖަވާބެއް ނުލިބެއެވެ. ޑިޕްލަމެޓިކް ބޭނުންތަކަށް އިންޑިއާއިން ދިވެހި ސާރުކާރަށް ފިއްތާ ފިއްތުންތައް ހުއްޓައެއް ނުލައެވެ. ތަފާތު އެކި ކަންކަމާ ލާ ޖައްސާ ސޮއި ކުރުވާ އެގްރީމެންޓްތައް މަދެއް ނުވެއެވެ. ރާއްޖޭގައި އޮޕަރޭޓް ކުރަން ގެނައި ހެލިކޮޕްޓަރުން ފެށިގެން ޑޯނިއާއާއެކު ހަނިމާދޫއަށް ފައިބެ ތިބި ސިފައިންނާއި ރާއްޖޭގެ ރާޑަރުތަކުގެ އިތުރުން އުތުރުތިލަފަޅާ ގުޅޭ އެއްބަސްވުންތަކަކީ މިއަދުވެސް ދިވެހިން ސުވާލު އުފައްދާ އެއްބަސްވުންތަކެކެވެ.

މި ހުރިހާ އެއްބަސްވުންތަކާ ހަމައަށް އިންޑިއާއިން ވާސިލު ވުމުގައި ސިޔާސީ ގިނަ ކުޅި ކުޅެފައި ހުރި ކަމަށް މަސްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ. އެގޮތުން، އެވަގުތަކު ސަރުކާރުގެ އިސް އާރުކާޓީން އަތްދޮށުލުމާއި، ކޮވިޑްގެ ޕެންޑަމިކާއެކު ރާއްޖެ ދަރާ ވިކޭ ހިސާބަށް ދިޔަ ދަނޑިވަޅުގައި ލާ ޖައްސާގައި މާލީ އެހީ ދިނުން ފާހަގަ ވާކަމަށް ވިދާޅުވެއެވެ.

މިހުރިހާ ކަމަކީ ޗައިނާގެ މައްޗަށް އިންޑިއާއިން ރާއްޖޭ ބޭނުންކޮށްގެން ކުރި ހޯދުމަށް ކުރާ ކަންކަން ކަމުގައި ތަޖުރިބާކާރުން ދެކެއެވެ. ރާއްޖޭގެ ފަސްގަނޑުގައި ތިބެ ޖާސޫސް ކުރަން ކުރާ ކަންކަން ކަމަށެވެ. އެބޭފުޅުން އެވާހަކަތައް ދައްކަނީ، މީގެ ކުރިން ސިޔާސީ ބައެއް ބޭފުޅުން ދައްކަވާގައިވާ ވާހަކަތައް އަސްލަކަށް ބަލައިގެންނެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރު 6، 2018 ގައި އައްޑޫގައި ދައްކަވާފައި ވާ ވާހަކައެއްގައި އިންޑިއާ އާއި ޗައިނާ އާ ދެމެދުގައި އޮތް ނުރުހުންތަކާއި އުދާސްތައް ނިމުމަކަށް ގެންނާނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ކަމަށް ވިދާޅުވެފައި ވެއެވެ.

"ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ. އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީ އާއި މި ސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވާން ޖެހޭނެ. އަބަދުވެސް ބައްލަވާނެ ޖެހޭނެ ތިޔަ ބޭފުޅުންނަކީ ހަމައެކަނިި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން."
ރައީސް ނަޝީދު

މިއަދު ދިވެހިން ކަންބޮޑު ވަނީ އިންޑިއާގެ އެ ބޭނުން ފުއްދުމުގައި ދިވެހިރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫއަރާފާނެތީއެވެ. ރާއްޖޭގެ ވެރިކަމުގެ ބާރުތަކުގެ މައްޗަށް އިންޑިއާއިން ބަސްކިޔާ ގޮތް ނިންމަފާނެތީއެވެ. މިނިވަންކަން ނަމުން އޮވެ މިނިވަންކަން ގެއްލިދާނެތީއެވެ. އިންޑިއާއިން ޗައިނާއަށް ޖާސޫސް ކުރާ މަރުކަޒަކަށް ރާއްޖެ ހެދުމުގެ ސަބަބުން ޗައިނާފަދަ ގައުމުތަކުގެ ހަނގުރާމައިގެ އަމާޒުފަތްގަނޑަކަށް ރާއްޖެ ވެދާނެތީއެވެ. ބަދަލެއް ދީގެންވެސް ބަދަލު ނުކުރެވޭ ހާލަތަކަށް ރާއްޖެ އަޅުވެތިކޮށްފާނެތީއެވެ. އިންޑިއާގެ ބަހެއް ނެތި، ރުހުން ނެތި ދިވެހިންނަށް ފިޔަވަޅެއްވެސް ނޭޅިދާނެތީއެވެ. ރާއްޖޭގެ އެންމެ އުތުރުން އޮތް މަލިކަށް ޖެހުނު ހާލު ޖެހިދާނެތީއެވެ.

މުޅި ރާއްޖޭގެ ކޮންޓްރޯލް އިންޑިއާގެ އަތްދަށަށް ގޮސްދާނެތީއެވެ.