ކޮވިޑު 19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު މަރު ވެއްޖެއެވެ.
މިއީ މިއަދުގެ ފުރަތަމަ މަރެވެ. މި މީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި މަރުވެފައި ވަނީ 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ. އެޗްޕީއޭއިން އަދި އެ މަރު އިއުލާނެއް ނުކުރެއެވެ.
އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 152 އަށް އަރާފައެވެ.
އިއްޔެ ކޮވިޑުގައި ތިން މީހަކު މަރުވެފައިވާއިރު އިއްޔެ މަރުވެފައިވަނީ ވަނީ އުމުރުން 79 އަހަރުގެ ދިވެއްސަކާއި 56 އަހަރުގެ ދިވެހި ފިރިހެނެއް އަދި އުމުރުން 68 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން ދެ މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮއްވާ މަރުވި ދެ މީހުންނެވެ. އަދި އުމުރުން 68 އަހަރުގެ މީހާ މަރުވެފައިވަނީ ވިލިނގިލީ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ މި ހިނގާ މޭ މަހުއެވެ. މި މަހު މިހާތަނަށް 79 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.
އެގޮތުން މި މަހުގެ 24 ވަނަ ދުވަހަކީ ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. އެ ދުވަހު ޖުމްލަ 13 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.