އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ ކޭސްގެ އަދަދު 260 އަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި މިއަދުގެ 18:00ގެ ނިޔަލަށް އަލަށް 16 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވް ވި 14 މީހުންނާއި ހުޅުދޫ މީހަކާއި އަދި މީދޫ މީހެކެވެ.

ހިތަދޫއިން ޕޮޒިޓިވް ވެފައިވާ 14 މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުން ޕޮޒިޓިވް ވެފައިވާ 13 މީހެކެވެ. ހުޅުމީދޫއިން ޕޮޒިޓިވް ވެފައި ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހެކެވެ. އަދި މީދޫން ޕޮޒިޓިވް ވެފައި ވަނީ ރެންޑަމް ސާމްޕަލް އަކުން ޕޮޒިޓިވްވި މީހެކެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ އައްޑޫ ސިޓީ ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން 12 ގަޑިއިރު ކާފިއު ހިންގަން އަންގާފައި ވާއިރު ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ހަމައެއާއެކު، އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓަާލުމަށް ވެސް ވަނީ އަންގާފައެވެ.

ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމުގެ އިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އެ އެޖެންސީން ބުނެއެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށާއި ނަމަވެސް އެތަންތަނުން ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ކޮވިޑް ކޭސްތަކެއް ފެނި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.