ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން އިއުލާން ކުރި ލޯންސް ސްކީމަށް 417 ދަރިވަރަކު ހޮވިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

އެމިނިސްޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ލޯން ސްކީމްއަށް މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ، ޝަރުތު ފުރިހަމަވި އެމް.ބީ.ބީ.އެސް އަށް އަދި ޕައިލެޓް ލައިސަންސް އަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފައިވާކަމަށެވެ.

މިނިސްޓާ ވިދާޅުވެފައިވަނީ މިއަދު މި އާންމު ކުރީ ވަގުތީ ލިސްޓެއް ކަމަށާ މި ލިސްޓާއި އާ މެދު ހިތްހަމަ ނުޖެހޭނަމަ ނުވަތަ މި ލިސްޓަކީ ރަނގަޅު ލިސްޓެއް ނޫންކަމަށް ބެލެވޭނަމަ މިނިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާކަމުގައެވެ.

ތައުލީމީ ގާބިލް ޒުވާނުން ބިނާކުރުމަށް މި ސަރުކާރުން ފަހިކޮށްދެއްވާ ފުރުސަތުތަކުގެ ތެރެއިން މިފަހަރު ލޯން ސްކީމްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެމް.ބީ.ބީ.އެސް ކިޔަވަމުންދާ 65 ދަރިވަރަކަށް ވަނީ ފުރުސަތު ދެވިފައިވާކަމަށް ހަޔައެޑިއުކޭޝަނުން ބުނެއެވެ. އަދި ޕައިލެޓް ލައިސަންސަށް ކިޔަވަމުންދާ 16 ދަރިވަރަކަށްވެސް ފުރުސަތު ދެވިފައިވާކަންވެސް ފާހަގަކުރެއެވެ.

މިފަހަރުގެ ލޯނުގައި މިނިސްޓްރީން ވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލާފައެވެ. އަދި މި ލޯން އެހީގެ ދަށުން ތައުލީމާ ތަމްރީނު ހާސިލުކުރުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށް ކަމަށާ އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންކަމަށް މިނިސްޓްރީން ބުނެއެވެ.

މި ލޯން ސްކީމަށް ޖުމުލަ 137 މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވާކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.