އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝަރީފް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.

މުހައްމަދު ޝަރީފަކީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކެބިނެޓަށް ބަދަލު ގެންނެވުމުގެ ގޮތުން މިމަހުގެ 5 ވަނަ ދުވަހު ކޮމިއުނިކޭޝަން ސައިން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާ އެންވާރަމަންޓް މިނިސްޓްރީ އެއްކޮށްލައްވާ އެއް މިނިސްޓްރީއެއްގެ ގޮތަށް ބަދަލު ގެނެސްފައެވެ.

ޝަރީފް އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ޝަރީފް ވަނީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ހެޑް އޮފް ނެޓްވޯކްސް މަގާމުވެސް ފުރުއްވާފައެވެ.

ޝަރީފް ވަނީ އައިޓީ ދާއިރަގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަނިން ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމް އިން މާސްޓާ އޮފް އިންޖިނިއަރިން ވެސް ހާސިލު ކުރައްވާފައެވެ. ޝަރީފް ވަނީ ސައިރިކްސް ކޮލެޖްގެ އެކަޑެމިކް ޑިވެލޮޕްމަންޓްގެ ވައިސް ރެކްޓާގެ މަގާމުވެސް އަދާކުރައްވާފައެވެ.