މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި 3 އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ނ. މާފަރު ޕޮލިސް ސްޓޭޝަނާއި، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން އަދި ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގުކުރަން ފަށައިފާވާ ކަމަށެވެ.

މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާ، 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ތިން މީހުންނަކީވެސް ދިވެހިން ކަމަށާ 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިމަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ގއ. ވިލިނގިލިން ހައްޔަރުކުރި 21 އަހަރުގެ ފިރިހެން މީހާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ނ. މާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމުން ނ. މަނަދޫ އަދި ނ. ލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު ވަނީ ކަނޑުމަތިން 23 އަހަރުގެ މީހަކާ 26 އަހަރުގެ މީހެއް ހައްޔަރުކޮށްފައެވެ. އަދި އެވަގުތު އެމީހުންގެ އަތުން މޫދަށް އެއްލައިލި ފުޅިއެއްނަގާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕަކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން ތ. ހިރިލަންދުއަށް ދަތުރުކުރި ދޯންޏެއް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕަކެޓު ހޯދައިފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.