އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ ކޭސްގެ އަދަދު 201 އަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި އަލަށް ޕޮޒިޓިވްވި ނުވަ މިހަކާއެކު މިހާތަނަށް އައްޑޫއިން ކޮވިޑަށް 201 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ އިތުރުން އެކްޓިް ކެސްގެ އަދަދު 163 އަށް އަރާފައިވާ ކަމަށާއި ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 514 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ހިތަދޫއިން 92 މީހުން، މީދޫއިން 9 މީހުން، މަރަދޫފޭދޫއިން 1 މީހުން، ފޭދޫއިން 12 މީހުން އަދި މަރަދޫން 6 މީހުން، ހުޅުދޫން 9 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް 38 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 189 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ކޭސްތައް ފެންނަމުންދާތީ ހާއްސަ ސަމާލުކަމެއްދީގެން އައްޑޫއިން ރެމްޑަމްގެ ސާމްޕަލްތައް ނަގަމުންދާއިރު، މިހާތަނަށް 3097 ސާމްޕަލެއް ނަގާފައިވެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ އައްޑޫ ސިޓީ ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން 12 ގަޑިއިރު ކާފިއު ހިންގަން އަންގާފައިވާއިރު ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ހަމައެއާއެކު، އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓަާލުމަށް ވެސް ވަނީ އަންގާފައެވެ.

ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމުގެ އިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އެ އެޖެންސީން ބުނެއެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށާއި ނަމަވެސް އެތަންތަނުން ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ކޮވިޑް ކޭސްތަކެއް ފެނި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.