ކޮވިޑް ޖެހިގެން ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 04:15 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 59 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާކަމަށެވެ. މިއީ ދިވެހި ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 122 މީހާއެވެ.
މިއީ މިއަދު މަރުވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވީ 12:02 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް ޖެހިގެން އިއްޔެ 4 މީހުން މަރުވެފައިވާއިރު މިމަހު ތެރޭ ކޮވިޑް ޖެހިގެން 49 މީހުން ވަނީ މަރުވެފައެވެ.
މި މަހަކީ ކޮވިޑް ގައި އެންމެ ގިނަ މީހުން މަރުވި އަދި އެންމެ ގިނަ މީހުން ޕޮޒިޓިވްވި މަހެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައިވެސް 1،603 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެކްޓިވް ކޭސް ވަނީ 21،079 އަށް އަރާފައެވެ. މިއާއެކު ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 52،405 އަށް އަރާފައެވެ.
މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެއް ކަމަށް ރިޕޯޓް ކޮށްފައިވާ ދުވަހަކީ 7 މަރާއެކު މިމަހު 18 ވަނަ ދުވަހެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވުމާއި ކޮންޓެކްޓުން އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ދެން ކޮންޓެކްޓް ޓްރޭސިން ހަދާނީ ހަމައެކަނި ހައި ރިސްކް މީހުންގެ އެކަނިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.