ކޮވިޑްއާ ގުޅިގެން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ފްރަންޓްލައިން ވޯކާސް އަށް އެކަމަޑޭޝަން ހޯދަން މިނިސްޓްރީ އޮފް ހެލްތުން އިއުލާނު ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ އެކަމަޑޭޝަން ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި 23، 2021 ވާ އާދީއްތަ ދުވަހުން ފެށިގެން މޭ 31، 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ޖޫން 02، 2021 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި ހެލްތް މިނިސްޓްރީގައި ކަމަށްވެސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ މީހުން މޭ 31، 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރުމަށްވެސް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ރަޖިސްޓާ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމަށްވެސް މިނިސްޓްރީން އަންގައެވެ.

އެޗްއީއޯސީގެ ފްރަންޓްލައިން ވޯކަރުންނަށް އެކަމަޑޭޝަން ހޯދަން އިއުލާނު ކޮށްފައި ވާއިރު އެޗްއީއޯސީގައި ވަގުތީގޮތުން މަސައްކަތް ކުރާނެ ނަރުހުން ހޯދުމަށްވެސް ދާދިފަހުން ވަނީ އިއުލާނު ކޮށްފައެވެ. އަދި މިދުވަސްވަރަކީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ގޯސް ދުވަސް ކޮޅަކަށް ވުމާއެކު ސިއްހީ ހިދުމަތްތެރިންގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ.