ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާއިގެ މެންބަރު އަހުމަދު އީސަ ނިސްބަތްވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މަގާމުތަކުން އެކަހެރި ކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެވެށި އަނިޔާ ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާ އާއި އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ.

އެހެން ކަމުން އީސަގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އީސަ ތަމްސީލު ކުރައްވާ ކޮމެޓީތަކުގެ މުގައްރިރު ކަމުން އޭނާ އެކަހެރި ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސް ކުރުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްޑީޕީން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެން ހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާއީ ތަހުގީގު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެ ޕާޓީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައި ވާކަމަށެވެ.

އީސަގެ މައްޗަށް އެފަދަ ތުހުމަތު ތަކެއް ކޮށްފައި ވާއިރު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ އިސްތިއުފާ ދެއްވާފައެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވުމަށްޓަކާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

އީސަ އަނިޔާ ކުރައްވާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ކަމަށް ވަނީ އެނގިފައެވެ. އެ މައްސަލައާ ގުޅިގެން ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް އޭނާއަށް ލިބިވަޑައިގެންނެވި އަނީޔާގެ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ ފާއިތުވި 24 ގަޑިއިރަކީ، އޭނާއާ އޭނާގެ ދަރިފުޅު ލޫތު އަށް އުނދަގޫ އިހްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ. އަދި ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފާނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހުނު ވަގުތުތަކެއް ކަމަށް ވެސް އަސްރާ ވަނީ ވިދާޅުވެފައެވެ.