ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިރު އޭޑީކޭ ކޮޓަރީގައި ސިފައިން ހަތިޔާރާ އެކު އެ މަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ކަމަށް "ދަ ޕްރެސް" އެނގިއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެ ރޭ އެމަޖެންސީ ރޫމުގައި ރައީސް ނަޝީދުގެ އަރިހުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވީ، އެ މަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އީއައިޑީ އެއް ގޮއްވާލައިގެން ހަމަލާ ދިން ވަގުތު ވެސް އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޮޑީގާޑުންނެވެ. އަދި އެ މީހުން ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ހަތިޔާރާ އެކު، އެ މަނިކުފާނު އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމާ ހަމައަށް ހަރަކާތްތެރިވިއެވެ.

ހަމަލާގައި ބޮޑީގާޑުންނަށް ވެސް އަނިޔާވިއެވެ. ނަމަވެސް އެ މީހުން ފަރުވާ ހޯދަން ފެށީ ރައީސް ނަޝީދަށް ލިބުނު ގެއްލުންތަކަށް އީއާރުގައި ފަރުވާ ހޯއްދެއްވުމަށް ފަހު އޮޕަރޭޝަން ތިއޭޓަރަށް އެ މަނިކުގާނު ވެއްދުމުން، އެއަށް ފަހުއެވެ.

ނަޝީދަށް ފަރުވާ ދިން އޭޑީކޭ ކޮޓަރީގައި ސިފައިން ތިބިއިރު ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިމަހު 7 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމު ވިދާޅުވީ، އެހެން އިސް ބޭފުޅުންނަށް އަރުވާ ސެކިއުރިޓީއަށް ވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ދެއްވި ކަމަށެވެ. ހަމައެއާއެކު ހަނގުރާމަ މަތީ ހަތިޔާރާ އެކު އަބަދުވެސް ރައީސް ނަޝީދާއެކު ސިފައިން ހަރަކާތްތެރިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

މިމަހުގެ 6 ވީ ބުރާސްފަތި ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

އޭޑީކޭގެ ފާހާނާ ތެރެއިން އެ ރޭ ފިސްތޯލައެއް ފެނުނު މައްސަލަ ފެންމަތިވެފައި ވާއިރު، އެނގިފައިވާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ބޮޑީގާޑެއްގެ ފިސްތޯލަ އެކެވެ. އޭޑީކޭގެ ސްޓާފަކަށް ފިސްތޯލަ ފެނުމާ ގުޅިގެން ފުލުހުން މެދުވެރިކޮށް ސިފައިންނާ އެ ހަވާލުކޮށްފައި ވާކަމަށް ބުނެއެވެ. އަދި އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

ނަޝީދަށް ހަމްލާ ދިން މައްސަލަ އާ ގުޅިގެން 4 މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހުއެވެ.