ފާއިތުވި 24 ގަޑިއިރު ދެމައިން އުނދަގޫ އިހްސާސްތަކެއް ކޮށްފައިވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހްމަދު އީސާގެ އަނބިކަނބަލުން އަސްރާ ނަސީމް ވިދާޅުވެއްޖެއެވެ.

އަސްރާ އެހެން ވިދާޅުވެފައިވަނީ އީސާ އަސްރާއަށް ގެވެށި އަނިޔާ ކުރިކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އަސްރާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 24 ގަޑިއިރަކީ، އޭނާއާ އޭނާގެ ދަރިފުޅު ލޫތު އަށް އުނދަގޫ އިހްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ.

އަދި ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފާނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހުނު ވަގުތުތަކެއް ކަމަށް ވެސް އަސްރާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، ދެމައިންގެ ހާލުވެސް މިހާރު ރަގަނޅު ކަމަށް އަސްރާ ވިދާޅުވިއެވެ. އަސްރާ ވަނީ މި އުނދަގޫ ވަގުތުގައި، ރަހުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހާ ފަރާތްތަކުން، ދިން ހިތްވަރަށްޓަކާ ޝުކުރު އަދާކޮށްފައެވެ.

ގެވެށި އަނިޔާގެ މައްސަލައެއް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައި ވާއިރު، އެއީ މެންބަރު އީސައަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި މި މައްސަލައިގައި އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށާއި ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާތައް ރިޕޯޓް ކުރެއެވެ.

މި މައްސަލަ ފެންމަތިވެގެން އައި އިރު މެންބަރު އީސަގެ ސީދާ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް ރޭ ބައެއް މީޑިއާތަކުން ވަނީ އީސައާ ހަވާލާދީ، އޭނާއަށް ތުހުމަތު ކުރެވޭ އެފަދަ މައްސަލައެއް ފުލުހަށް ރިޕޯޓު ކުރިކަން އެނގިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އީސާ ހައްޔަރު ކުރުމަށް ޕްރޮސެކިއުތާ ޖެނެރަލް އޮފީހުން ކޯޓު އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ.