ކޮވިޑް ޖެހިގެން އިތުރު 4 ދިވެހިންނާއެކު 1 ބިދޭސީއަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ރޭ ދަންވަރު 01:54 ހާއިރު ލާމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ 87 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާ ކަމަށެވެ. އަދި މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 106 ވަނަ މީހާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރޭ ދެވަނައަށް މަރުވެފައިވަނީ 69 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާ މަރުވެފައިވަނީ ރޭ ދަންވަރު 03:01 ހާއިރު ލާމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 107 ވަނަ މީހާއެވެ.

މިއަދުގެ 3 ވަނަ މަރަކީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 07:25 ހާއިރު އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންގެންދިޔަ ދިވެހި ފިރިހެނެއް މަރުވެފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 108 ވަނަ މީހާއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މިއަދުގެ 4 ވަނަ މަރަކީ މިއަދު ހެނދުނު 08:44 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި 51 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މިއީ ރާއްޖޭޣައި ކޮވިޑް ޖެހިގެން މަރުވި 109 ވަނަ މީހާއެވެ.

މިއަދުގެ 5 ވަނަ މަރަކީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 08:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 110 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އަދިވެސް އުޅެނީ 1000 އިން މަތީގައެވެ. މިދިޔަ 24 ގަޑިއިރުވެސް މާލެއިން 1،213 މީހުންނާއެކު ޖުމުލަ 1،465 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.