ކޮވިޑް ޖެހިގެން ރެއާއި މިއަދުވެސް މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ އައިޖީއެމްއެޗް ގެ އީއާރަށް ގެނައި 74 އަހަރުގެ ދިވެހި ފިރިހެނަކު 10:00 ހާއިރު މަރުވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 102 ވަނަ މީހާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރޭ ދެވަނައަށް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 79 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ރޭ 23:14 ހާއިރުއެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 103 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 102 ވަނަ މީހާއަކީ ކުރީގެ ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ ޒާހިރު އާދަމް (ގައްދޫ ޒާހިރު) އެވެ. ޒާހިރަކީ ރިސޯޓް ވިޔަފާރީގެ އިތުރުން ސަފާރީގެ ވިޔަފާރިވެސް ކުރައްވާ އަދި މިހާރުވެސް އެ މަސައްކަތުގައި އުޅުއްވާ ބޭފުޅެކެވެ. އަދި ރައްޔިތުން މަޖިލީހުގައިވެސް ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރެއްވި މެންބަރެއްވެސް މެއެވެ. އަދި ޒާހިރު ވަނީ ކިޑްނީ ޓްރާންސްޕްލާންޓެއްވެސް ހަދާފައެވެ.

ރާއްޖޭގައި މި ފާއިތުވާ ހަފްތާއަކީ، އާދަޔާ ހިލާފަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތީ ހަފްތާއެކެވެ. ކޮންމެ ދުވަހެއްގެ އަދަދުތައް 1000 އިން މަތިން ދާ އިރު، ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންނެވެ. މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރާ ކޮންމެ 3 މީހަކުން 1 އެއް ކޮވިޑަށް ޕޮޒިޓިވް ވެއެވެ.