ކޮވިޑް ޖެހިގެން މިއަދު 3 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 06:00 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 70 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުގެ އަދަދު ވަނީ 101 އަށް އަރާފައެވެ.

މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަަންވަރު 12:14 ހާއިރުއެވެ.

ދެވަނައަށް މިއަދު މަރުވެފައިވަނީ ފަތިހު 04:41 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 56 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދުގެ 3 ވަނަ މަރާއެކު މި ހަފްތާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

ރާއްޖޭގައި މި ފާއިތުވާ ހަފްތާއަކީ، އާދަޔާ ހިލާފަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތީ ހަފްތާއެކެވެ. ކޮންމެ ދުވަހެއްގެ އަދަދުތައް 1000 އިން މަތިން ދާ އިރު، ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންނެވެ. މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރާ ކޮންމެ 3 މީހަކުން 1 އެއް ކޮވިޑަށް ޕޮޒިޓިވް ވެއެވެ.