މުޖުތަމައުތައް ނުހުއްޓި ދިއުމުގައި އައިސީޓީ ވަސީލަތް އަދާކުރާ މުހިންމު ދައުރު ހާމަވެގެން ދިޔައީ ކޮވިޑް 19 ގެ ސަބަބުން ކަމަށް މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިގޮތަށް ވިދާޅުވެފައި ވަނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

ޝައުނާ ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މިއަހަރުވެސް ފާހަގަ ކުރަނީ މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ކޮވިޑް 19 އިން އަރައިނުގަނެވިގެން އުޅެނިކޮށް ކަމަށެވެ. އަދި މިހާލަތުގައި ދުނިޔެއަށާއި ރާއްޖެއަށްވެސް ޓެލެކޮމިއުނިކޭޝަން އާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެފައި ވާކަމަށެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝީއާރެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައި ވަނީ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެ މަސައްކަތްތައް އިތުރަށް ހަލުވިކަމާއެކު ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ޤައުމުތަކަށް ލިބޭ ހިތްވަރެކެވެ." މި ޝިއާރެވެ.

ޝިއުނާ އިތުރަށް ވިދާޅުވެފައި ވަނީ ދުނިޔޭގެ ފެންވަރުގައި ބޭނުން ކުރަމުން އަންނަ ސަބްމެރިން ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކްތައް ރާއްޖޭޣައިވެސް ގާއިމު ކުރެވިފައިވާ ކަމަށާ، މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާތަކުން ކުރާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓާނެޓް ފޯރުކޮށްދެވޭކަންވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ އައިސީޓީގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރިކަންވެސް މިނިސްޓާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އިންޓަނެޓްގެ އަގުތަކާއި ފެންވަރާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނަކަމާ، މި އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން ދާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދިހަމައެހެންމެ ރާއްޖެއާއި ބޭރުދުނިޔެއާ ގުޅާލަދޭ އިތުރު ސަބްމެރިން ކޭބަލްތައް ކުރިމަގުގައި ގާއިމްކޮށް މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.