ނިމިދިޔަ ކައުންސިލް އިންތިހާބުގައި މާލެއަށް ގަދަ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް މޭޔަރުކަން ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ހުވާގެ ދަރުބާރުގައި ޑރ. މުއިއްޒަށް ހުވަލައިދެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު، ހާތިފް ހިލްމީއެވެ. މި ދަރުބާރުގައި ކައުންސިލަށް ހޮވުނު ހުރިހާ ކައުންސިލަރުން ވަނީ ހުވާ ކުރައްވާފައެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ނިމިދިޔަ ކައުންސިލްގެ ރައީސް ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ނިމިދިޔަ ދައުރުގެ އަހަރީ ރިޕޯޓު އިއްވުންވެސް އޮތެވެ.

އެމްޑީޕީގެ ބާރު ގަދަ ގިނަ ތަންތަނުގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް އިން ކާމިޔާބު ކުރި ގޮތަށް މާލޭގެ މެޖޯރިޓީ ޕީޕީއެމް އިން ކާމިޔާބު ކުރި އިރު ޕީޕީއެމްއަށް 13 ގޮނޑި ވަނީ ލިބިފައެވެ. އެއީ މާލޭ ސިޓީއަށް ޕީޕީއެމުން ވާދަ ކުރި ހުރިހާ ގޮނޑިއެކެވެ. އެމްޑީޕީއަށް ލިބުނީ 5 ގޮނޑި އަދި ޖޭޕީއަށް ގޮނޑިއެއް ވަނީ ލިބިފަކެވެ.

މާލޭގެ މޭޔަރު ކަން މުއިއްޒު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް، 5034 ވޯޓުގެ ތަފާތުންނެވެ. ޑރ. މުއިއްޒަށް 12470 ވޯޓު ލިބުނު އިރު އަނަސްއަށް ލިބުނީ 7436 ވޯޓެވެ.