ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔެގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) އިސްވެ އޮވެ، އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ވެކްސިން އިއްތިހާދު ނުވަތަ ކޮވެކްސް ފެސިލިޓީއަށް، އިންޑިއާގެ ކޮވިޑް ކާރިސާގެ އަސަރު ފޯރައިފިއެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެ، ބަލިމަޑުކަމުގެ ތޫފާނީ ކާރިސާއަކާ އިންޑިއާއަށް ކުރިމަތިލާން ޖެހުމުގެ ސަބަބުން، ކޮވެކްސް ފެސިލިޓީއަށް ލިބެން ޖެހޭ، 140 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ނުލިބި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ އޮކްސިޖަން ކިއުއެއް / ފޮޓޯ: ފްރާންސް24

ކޮވެކްސް ފެސިލިޓީއަށް އެންމެ ގިނަ އަދަދަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސް ވެފައި ވަނީ އިންޑިއާގެ ސީރިއަމް އިންސްޓިޓިއުޓް (އެސްއައިއައި) އިންނެވެ. ނަމަވެސް، މިއަހަރުގެ މާޗް މަހުގެ ފަހުން، ސީރަމް އިންސްޓިޓިއުޓްއިން އެންމެ ޑޯޒްއެއްގެ ވެކްސިންވެސް އިންޑިއާއިން ބޭރު ކޮށްފައެއް ނުވެއެވެ.

ކޮވެކްސް ފެސިލިޓީއަށް ވެކްސިން ގަނެ، އެންމެ ބޭނުން ޖެހިފައިވާ ގައުމުތައް ބަލައިގެން ވެކްސިން ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިންނެވެ.

ޔުނިސެފުން މިހާރު ދަނީ، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު (ޖީ7) އާ، ވިލާތުގެ އިއްތިހާދުގެ މެންބަރުންގެ އަތުގައި ހުރި ޑޯޒްތަކުން، ކޮވެކްސް ފެސިލިޓީއަށް ވެކްސިން ހިއްސާ ކުރުމަށް ގޮވާލަމުންނެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ޔުނިސެފުން ބުނީ މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖީ7އާއި ވިލާތުގެ އިއްތިހާދުން 153 މިލިއަން ޑޯޒްގެ ވެކްސިން ޑޯނޭޓް ކުރެވިދާނެއެވެ. އެއީ އެ ގައުމުތަކުގެ އާބާދީއަށް ވައުދުވެފައިވާ ވެކްސިންގެ ޑޯޒްތަކުގެ އިތުރުންނެވެ.

ސީރަމް އިންސްޓިޓިއުޓްއިން ވަނީ، މި އަހަރު ކޮވެކްސް ފެސިލިޓީއަށް ބޭނުންވާ 2 ބިލިއަން ވެކްސިން ޑޯޒް ގެ 2 ބައިކުޅަ 1 ބައި ހާ ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، މިއަހަރުގެ މާޗް، އޭޕްރިލް އަދި މެއި މަހުވެސް އެންމެ ޝިޕްމަންޓެއްވެސް އެސްއައިއައިއިން ފޯރުކޮށްދީފައެއް ނުވެއެވެ. މިއާއެކު، ޖޫން މަސް ނިމޭއިރު، ކޮވެކްސްއަށް މަދުވާ ޑޯޒްގެ އަދަދު، 190 މިލިއަނަށް އަރާނެއެވެ.

ޔުނިސެފްގެ ކޮވެކްސް ސަޕްލައި ކޯޑިނޭޓާ، ޖިއާން ގާންދީ ވިދާޅުވީ، މިހާރު ހާލަތު އޮތި، ދެން ވެކްސިން ޝިޕްމަންޓެއް ލިބޭނެ ގޮތެއް ނޭނގޭ ހިސާބުގައި ކަމަށެވެ. އުއްމީދަކީ، ވީ އެންމެ އަވަހަކަށް ކަންކަން ހަމައަކަށް އެޅުން ކަމަށާ، ނަމަވެސް އިންޑިއާގެ މަސްރަހާ މެދު ސުވާލު އުފެދި، ކަންބޮޑުވާ ކަމަށްވެސް ޔުނިސެފްގެ އޮފިޝަލު ވިދާޅުވިއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ކޮވިޑް ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ކަން މިހެން އޮތް އިރު، ކެނެޑާ، އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވަނީ، އެ ގައުމުތަކުގެ މުޅި އާބާދީއާށް އެތައް ގުނައަކަށް ވެކްސިން ދެވޭހާ ގިނަ އަދަދެއްގެ ވެކްސިނަށް އޯޑަރު ދީފައެވެ. އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވަނީ، ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެކަން ހިނގާނީ ކޮން ދުވަސްވަރެއްގައި ކަން ހާމަ ކުރައްވާފައެއް ނުވެއެވެ. އެމެރިކާގެ ވާހަކަވެސް އޮތީ މިފަދަ ގޮތަކަށެވެ. ޖީ7ގެ ގައުމުތަކުގެ ތެރެއިން، ވެކްސިން ހަދިޔާ ކުރި ހަމައެކަނި ގައުމަކީ ފަރަންސޭސިވިލާތެވެ.

ޔުނިސެފުން ބުނާ ގޮތުގައި ކޮވިޑް ވެކްސިން ސަޕްލައި އަށް ބަލާއިރު، ޖޫން، ޖުލައި އަދި އޯގަސްޓް މަހު، ޖީ7ގެ ގައުމުތަކުން 20 ޕަސެންޓްގެ ވެކްސިން ހަދިޔާ ކޮށްގެންވެސް ފަގީރު ގައުމުތަކަށް އެނގުން ވެލާނެ ކަމަށެވެ.