މި މަހު 6 ވަނަ ދުވަހުގެރޭ ޓެރަރިސްޓް ހަމަލާއެއް އަމާޒުވެ، މިހާރު ޖަރުމަނު ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހޮސްޕިޓަލުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ޓްވިޓާގައި އާންމުވަމުން ދާ ވީޑިއޯ އަދި ފޮޓޯތަކުން ފެނިގެން ދަނީ ހޮސްޕިޓަލުގެ ސިޑިން ހިންގަވާފައި ނަޝީދު ތިރިއަށް ފައިބެވަޑައިގްނަނަވާ ތަނެވެ. ތުރުކުރައްވާފައި ހުރި ކޯޓުކޮޅުގެ އަޑިން ހޮސްޕިޓަލް ހެދުން ފެނެއެވެ. އެ ސިޑިން ނަޝީދު ތިރިއަށް ފައިބެވަޑައިގަންނަވާ އިރު އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރނައިބު ރައީސް އީވަ އަބްދުﷲ ގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) ހުންނަވައެވެ.

ރައީސް ނަޝީދު ބޭރަށް ނުކުމެވަޑައިގެން ނަންގަވާފައި ހުރި ފޮޓޯއިން ފެންނަނީ، ދުރު ބައްލަވަން ފުން ވިސްނުމެއްގައި ހުންނެވި ތަނެވެ. މޫނުފުޅުމަތިން މާ ބޮޑު މާޔޫސް ކަމެއް ނުފެނެއެވެ. އަދި ހުންނެވީ އިސްތަށިފުޅު ބާލުއްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭއިންނެވެ. އަދި ޖަރުމަނަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ނަޝީދު އަވަހާރަ ކޮށްލަން މިމަހުގެ 6 ވީ ބުރާސްފަތި ދުވަހުގެ ރޭ 8:27 ގައި ދިން ވަރުގަދަ ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ސައިކަލެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލާ ދިން އެ ހަމަލާގައި ބޮން ގޮވުމާއެކު ބޮމުގެ ތެރޭގައި ހުރި ރޭޒާފުއްތަކާއި ދަގަނޑުކޮޅުތަކެއް ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ އެތަން މިތަނަށް ވަދެ ޒަހަމްވެވަޑައިގެންފައެވެ.

އެހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ބުނީ ނަޝީދުގެ މޭފުޅާ ދިމާއަށް ވަދެފައި ހުރި ރޭޒާފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިއަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ވަންނާނެ ކަމަށް އޭޑީކޭން ބުންޏެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހާމަކުރައްވާފައެވެ.

ރައީސް ނަޝީދަށް ދިން އެ ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ އިރު 3 މީހަކު މިހާރު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރު ކުރި 3 މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އާއި ބޮން ގޮއްވާލި މޭސްތިރިޔާ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25 އ ކަމަށެވެ.