ޓެރަރިޒަމް އާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި އައްޑޫން ހައްޔަރު ކުރި 7 މީހުންގެ ބައްދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

"ދް ޕްރެސް" އަށް މައުލޫމަތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އައްޑޫ ސިޓީގައި ފުލުހުންނާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި 7 މީހުންގެ ތެރެއިން ތިން މީހަކަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މީހުންނަށް 7 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިިދާޅުވެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުން މީހާރު ދަނީ ޓެރަރިޒަްމް އާ ގުޅޭ އަމަލުތައް ހުއްޓުވާ އެފަދަ އަމަލު ހިންގާ ފަރާތްތައް ހައްޔަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަން ހިންގަމުން އަންނަނީ ފުލުހުންނާއި ސިފައިން ގުޅީގެންނެވެ. މިފަދަ އޮޕަރޭޝަންއެއް މި ހިންގަނީ މި މަހުގެ 6 ވަނަ ދުވަހު މާލޭގައި ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ.

އެ ހަމަލާއަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން އެމަނިކުފާނު އަވަހާރަ ކޮށްލަން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސަލާމީ ބާރުތަކުންނާއި އެހެނިހެން ސިޔާސީ ފަރާތްތަކުން ސިފަ ކުރެއެވެ،

އެ ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް އެމަނިކުފާނު މިހާރު ވަނީ ޖަރުމަނަށް ވަޑައިގެންފައެވެ.

ފުލުހުން ވަނީ އެ މައްސަލަ އާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި މިހާރު ވަނީ އެ މައްސަލައިގައި 3 މީހަކު ހައްޔަރުވެސް ކޮށްފައެވެ. ހައްޔަރު ކުރި 3 މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ.