ކޮވިޑު-19 އަށް ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު މެންދުރުފަހު 03:10 ހާއިރު ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާކަމަށެވެ. މިއީ ދިވެހިރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 97 ވަނަ މީހާއެވެ.
މިއީ މިއަދު މަރުވި ތިން ވަނަ މީހާއެވެ. ފުރަތަމަ މީހާ މަރުވެފައިވަނީ ރޭ ދަންވަރު 02:38 ހާއިރު ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 81 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ދެ ވަނަ މީހާ މަރުވެފައިވަނީ ފަތިހު 04:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 30 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑް ޖެހިގެން އިއްޔެ އެކަނިވެސް 3 މީހުން މަރުވެފައިވާ އިރު މިމަހުގެ މިހާތަނަށް 23 އަށް ވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައި ވާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 260 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އެކްޓިވް ކޭސްގެ އަދަދު ވަނީ 15،000 އިން މައްޗަށް އަރާފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިވަގުތު ހޮސްޕިޓަލުގައި 50 ހަކަށް މާބަނޑު މީހުންނަށް ފަރުވާދެމުންދާކަމަށާ، އެކަކު ވެންޓިލޭޓަރުގައި ވާކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް މުޅި ރާއްޖެއިން 1،007 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.