މާލޭސިޓީގެ ފަގީރުންނާ މިސްކީނުންގެ ދަފްތަރުގައި 1،498 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު ޒަކާތު ފައިސާގެ ގޮތުގައި ބޮލަކަށް 4،200 ރުފިޔާ ޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސިޓީއިން މިއަހަރު ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 30 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 164،392 މީހުން ޒަކާތްދައްކާފައިވެއެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި 6،746،896.00 ރުފިޔާ ލިބިފައިވާ ކަމަށާއި މިފައިސާ އީދު ނަމާދުގެ ކުރިން ބަހާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ 1،498 މީހުންގެ ތެރެއިން 1،494 މީހުންނަށް ޒަކާތުގެ ފައިސާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ރަމަޟާން މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެކައުންޓްގެ މައުލޫމާތު ދީފައިވާ 1472 ފަރާތަކަށް ފިތުރު ޒަކާތުގެ ފައިސާ ޖަމާކޮށްފައިވާނީ އެފަރާތްތަކުގެ އެކައުންޓަށް ކަމަށެވެ. އަދި ރަމަޟާންމަހުގެ 30 ވަނަ ދުވަހާ ހަމައަށް އެކައުންޓްގެ ތަފްސީލު ލިބިފައިނުވާ 22 ފަރާތަކަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސާ ފައިސާ ދޫކޮށްފައިވާނޭ ކަމަށް މިނިސްޓްރީން ބުނެއެެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 6،746،896.00 ގެ ތެރެއިން 472،096.00 ރުފިޔާ ވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަވާލުކޮށްފައެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބާކީ 6،274،800.00 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިތުރު ޒަކާތުގެ ފައިސާއަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާ މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަންޖެހޭ ފައިސާ އެއް ކަމަށެވެ. އަދި އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާ މިސްކީނުންނަށް ބަހާއިރު މާލެ އަދި އަތޮޅުތެރޭގައި ބޮލަކަށް ޖެހޭ މިންވަރު ތަފާތުވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.