ރާއްޖޭގައި ރޭ މެންދަމުން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ކޮވިޑް ޖެހިގެން 2 މީހުން މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 02:38 ހާއިރު ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 81 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާކަމަށެވެ. މިއީ ދިވެހިރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 95 ވަނަ މީހާއެވެ.

މިއަދު ދެވަނަ އަށް މަރުވެފައިވަނީ ފަތިހު 04:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 30 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ރާއްޖޭގައި ކޮވިޑްޖެހިގެން މަރުވި 96 ވަނަ އަދި އެންމެ ހަނގު މީހާއެވެ.

ކޮވިޑްޖެހިގެން އިއްޔެ އެކަނިވެސް 3 މީހުން މަރުވެފައިވާ އިރު މިމަހުގެ މިހާތަނަށް 22 އަށް ވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައި ވާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 260 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އެކްޓިވް ކޭސްގެ އަދަދު ވަނީ 15،000 އިން މައްޗަށް އަރާފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިވަގުތު ހޮސްޕިޓަލުގައި 50 ހަކަށް މާބަނޑު މީހުންނަށް ފަރުވާދެމުންދާކަމަށާ، އެކަކު ވެންޓިލޭޓަރުގައި ވާކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް މުޅި ރާއްޖެއިން 1،007 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.