އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރިކަމަށް ބުނެ ނެރެފައިވާ ލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެމީހުންނާ އެއްވެސް ސުވާލެއް ކުރުމެއް ނެތި ހިމަނާފައި ވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ މައްސަލައަކީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަހުގީގު ކުރަން ފަށާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ފައްޓާ އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުގެ ޝަރީއަތް ކޮށް، ހުކުމް ކޮށްފައި ވަނިކޮށް އެމްޑީޕީ ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކުރި ކަންތައްތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާ އެކު ޑީލް ހަދާ އެމީހުންގެ އަދަބަށް ލުއި ހޯދާދީފައިވާ ކަމަށް އިދިކޮޅުން ބުނެއެއެވެ. އަދި އެމައްސަލައިގެ ތުހުމަތުގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ނަންތައް ވެސް އުނިކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.
ހަމައެއާއެކު މިސަރުކާރު ވެރިކަމަށް އައިސް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައި ވަނީ ރަނގަޅު ނިޔަތެއް އޭގައި އޮވެގެން ކަމަށް އެއް އިރަކުވެސް ގަބޫލު ނުކުރޭ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅުން ބުނީ އެ ކޮމިޝަން އުފައްދައިގެން 2 އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކޮށްފާ ނުވުމުން ދޭހަވަނީ އެ ކޮމިޝަނާ ހަވާލު ކުރި ކަމަށް ބުނާ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއް ކަމަށެވެ. އޭގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަމަށް އިދިކޮޅުން ބުނެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް 2 އަހަރާއި ބައި ވެގެން ދިޔަ އިރު އެކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދުވެސް ސުވާލު އުފެދޭ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ހިއްސާ ކުރުމުން ވެސް އެލިސްޓު ތައްޔާރު ކުރި މަގްސަދު ވަރަށް ބޮޑަ ހާމަވެގެންދާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.
އޭގެ އިތުރުން ވެސް، އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް އެ މައްސަލަ ތަހުގީގުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެންދާ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން އިތުރަށް ބުނީ އާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި އިންތިހާބުތަކަށް ހަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާއިން ކަމަށެވެ. އެގޮތުން އެޕާޓީއަށް ވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދާ ކަމަށާއި އެގޮތުގެ މަތިން ހޯދާ ފައިސާ ވެސް ވާނީ އެކި ކަންކަމަށް ހަރަދު ކޮށްފާ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ޕާޓީގެ އިވެންޓުތަކާ ދަތުރުތައް ކުރުމުގެ އިތުރުން އިންތިހާބުތަކުގާ ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ހަރަދުކޮށްފާ ވާނެ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ވަނީ އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްގީގުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާ ހިއްސާކޮށް އާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަވަނީ، ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު، އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށް ފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރަމުން ގެންދާކަން ވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.
އިދިކޮޅުން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ފަށްޓަވާފައިވާ މަސައްކަތްތައް އެގޮތުގައި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި އެކަމުގައި ޝާމިލުވާ އެންމެނަށް ހައްގު އަދަބު ދިނުމަށް ވެސް ގޮވާލާފައެވެ.
ހަމައެއާއެކު، ލިސްޓު އާންމު ކުރިއިރު އެލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެފަރާތްތަކަށް އެނގުމެއް ނެތި ހިމަނާފައިވާތީ، އެފަރާތްތަކުގެ ކިބައިން މައާފަށް އެދުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އެކަމާއި ގުޅިގެން އިދިކޮޅުގެ ފަރާތުން ހާމަކުރަން ޖެހޭ އިތުރު މައުލޫމާތު ހާމަކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ޕްރެސް ކޮންފަރަންސެއް ވަރަށް އަވަހަށް ބާއްވާނެ ކަމާ، އެކަމާއި ގުޅިގެން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން އެކޯލިޝަންގެ ފަރާތުން ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.