ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު 3 މީހުން މަރުވެއްޖެއެވެ. މިކަން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފައެވެ.

ކޮވިޑް ޖެހިގެން މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ 02:24 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 88 ވަނަ މީހާއެވެ.

ދެވަނައަށް މިއަދު ކޮވިޑް ޖެހިގެން މަރުވެފައިވަނީ ހެނދުނު 06:30 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 89 ވަނަ މީހާއެވެ.

މިއަދު ހެނދުނު 09:05 ހާއިރުވެސް ވަނީ ކޮވިޑް ޖެހިގެން މީހަކު މަރުވެފައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންގެންދަނިކޮށް 86 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއީ ރާއްޖެއިން ކޮވިޑްޖެހިގެން މަރުވި 90 ވަނަ އަދި މިއަދުގެ 3 ވަނަ މަރެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން 90 މީހުން މަރުވެފައިވާއިރު މިހާތަނަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވަނީ މި މަހުއެވެ. އަދި މި މަސްވެފައިވަނ ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައްވެސް އިތުރުވަމުންދާ މަހެއްގެ ގޮތުގައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ދަނީ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންނެވެ. މިވަގުތުވެސް ކޮވިޑްގެ ކޭސްތަކެއް ފެނި ޖުމުލަ 46 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.