1442 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަގީރުންނާ މިސްކީނުންނަށް މިއަދު ދޫކުރަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެން މާލޭގައި ކާފިއު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ލަސްނުކޮށް ފިތުރުޒަކާތާއި ހަވާލުވުމަށް އެދިފައެވެ.

މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފާވަނީ މި އަހަރު އަލަށް އެކުލަވާލި ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ކަމަށެވެ.

ފިތުރު ޒަކާތް ދޫކުރެވޭނީ ފަގީރުންގެ ދަފްތަރުގައިވާ ފަރާތުގެ އައިޑީކާޑު، ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު ގެނައުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގޮވާމުގެ ބާވަތްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތަނާއި ވަގުތުތައް :

  • ތަން: ޤުރުއާނާ ބެހޭ ގައުމީ މަރުކަޒު
  • ތާރީހް: މެއި 12، 2021
  • ވަގުތު: 10:00 އިން 03:30

އެގޮތުން ފިތުރު ޒަކާތް ނެގުމުގެ މަސައްކަތް މެއި 4، 2021 ވާ އަންގާރަ ދުވަހުން ފެށިގެން މެއި 11، 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ.