މިއަދު ކޮވިޑަށް ޕޮޒިޓިވްވި އަދަދު 2000 އާ ގާތް ކޮށްފި ކަމަށް ހަބަރު ލިބިއްޖެއެވެ. މިއަދު ޕިޒިޓިވް އަދަދު 1700 އިން މަތި ވި ނަމަވެސް މިރޭ އިއުލާނު ކުރަން ނިންމާފައި އޮތީ 1501 ކޭސް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ބާކީބައި މާދަމާގެ އަދަދުތަކުގެ ތެރެއަށް ލާން ނިންމާފައިވާ ކަމަށް ވެސް ވަނީ އެނގިފައެވެ.

"ދަ ޕްރެސް" އަށް މިކަން ކަށަވަރުވެފައި ވާއިރު އަދަދުތައް މަތިވެގެން ގޮސްފައި ވަނީ ހަފްތާއެއްގެ ބެކްލޮގެއް އޮތުމާއި ރާއްޖޭގައި ބާރަށް ކޮވިޑް ފެތުރެމުން ދާތީއެވެ. ރާއްޖޭގައި އުޅެނީ ކޮން ވޭރިއެންޓެއް ކަމެއް ނޭނގުނަސް އާ ވޭރިއެންޓެއް އުޅޭ ކަމަށް ހެލްތް އޮފިޝަލުންވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވެފައި ވަނީ ރާއްޖޭގައި އާ ސްޓްރެއިން އެއް އުޅޭކަމަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ. އަދި އާ ސްޓްރެއިން މާބޮޑަށް ނުރައްކާ ކަމަށާއި، ހާއްސަކޮށް ފުއްޕާމެއަށް ގެއްލުންދޭ މިންވަރު ބޮޑު ކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް އެމީހެއްގެ ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށާ، ރަނގަޅަށް މާސްކް އެޅުމަށާއި އަދި އަތް ދޮވުމަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިޕޯޓް ކުރާ ކޭސްތަކުގެ އިތުރުން މިބަލީގައި ހާލު ދެރަވެ މަރުވާ މީހުންގެ އަދަދު ވެސް މި ވަނީ ފިތްކަނޑައިގެންދާ ހިސާބަށް ގޮސްފައެވެ.

މި މަހު ޖުމްލަ 7184 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު 14 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 10،376 އެބަ ތިއްބެވެ. ހޮސްޕިޓަލުގައި 244 މީހަކަށް ފަރުވާދެމުން އަންނަ އިރު ބަލީގައި ސީރިއަސް ވެ އައިސީޔޫގައި 12 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން 4 މީހަކު މިހާރު އޮތީ ވެންޓިލޭޓަރު ގައެވެ.

އެޗްޕީއޭއިން މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.

އަދި މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.