އަބަދުވެސް ދިވެހި ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިގޮތަށް ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު މިއަދު ރައީސް ނަޝީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނުކަން ހާމަކުރައްވާ ކުރައްވާފައިވާ ޓުވީޓުގައެވެ.

ލަތީފް ވިދާޅުވީ، ރައީސް ނަޝީދު ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ވެދުން ދެންނެވި ކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާ ގައި ޒަހަމްވުމާ ގުޅިގެން، އެމަނިކުފާނު މިވަގުތު ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ވަނީ ހުއްޓުމެއްނެތި 16 ގަޑިއިރު އެކިވަރުގެ އޮޕަރޭޝަންތަކެއް ކުރިޔަށްގެންގޮސްފައެވެ. އަދި އާއިލާއިން ވިދާޅުވަނީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖާމަނީއަށް ގެންދިޔުމަށްކަމަށެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާރު ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އާއި ވ. ތިނަދޫ، އަށް އުފަން އަހްމަދު އަދުހަމް 25 އ އެވެ. މި 3 މީހުންގެ ބަންދަށްވެސް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.