އެމްއެމްޕީއާރްސީ ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން ކަށަވަރުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް އެހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ލިސްޓް އާންމު ކުރުމަށް ގޮވުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ހަބަރާއި ހިޔާނާތުގެ ލިސްޓު ލިބުމާއެކު އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް 241 ކޮމިޓީން އިސްތިއުފާ ދެއްވި ހަބަރާ ގުޅިގެންނެވެ.

ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖްލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެން ނުވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖްލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް. ގާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެނެއްނުވޭ. މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ.
ޑރ. މުހައްމަދު ޖަމީލް

ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީ މައްސަލަ ދިރާސާ ކުރަނީ މަޖިލީހުގެ ޖުޑިޝާރީ ކޮމިޓީ އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގާ، ހިޔާޔާނާތުގެ ލިސްޓު މިހާރު ދިރާސާ ކުރަމުން ދާއިރު ރޭ ވަނީ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ސަރުކާރުގެ މަގާމުތަކުގައި މިހާރު ތިއްބެވި މީހުންނަށް ކަމަށާއި، ސަބަބަކީ އެމީހުން މަޤާމުގައި ތިބެގެން ތަހުގީގަށް ނުފޫޒް ފޯރުވުމާއި، ދައުލަތުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތުމުންކަމަށެވެ.

އެހެންކަމުން ތަހުގީގީ އިދާރާތަކަށް އެމީހުންގެ މައްޗަށް ދައުވާކުރެވޭނެ ވަރަށް ހެކި ނެތްނަމަވެސް އަދި ދައުވާ ސާބިތު ނުކުރެވުނު ނަމަވެސް އެމީހުން ސަރުކާރުގެ މަގާމުތަކުން ދުރުކުރުމަށް އީވާ ހުށައެޅުއްވިއެވެ.