ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް-19 ވެކްސިންގެ 2 ވަނަ ޑޯޒް ޖައްސަވައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އަހްމަދު ނަސީމް ވިދާޅުވީ ރައީސް ޔާމީން ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވާފަނީ މިރޭގެ ވަގުތެއްގަ ކަމަށެވެ. އެއީ ހުޅުމާލެއަށް ގެންދިއުމަށްފަހު ކަމަށް ނަސީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ މިދިޔަ މަހު 19 ވަނަ ދުވަހު އިރާކޮޅު އޭޑީކޭ ހޮސްޕިޓަލުންނެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިދިޔަ މަހު 29 ވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ. އެގޮތުން ރައީސް ޔާމީން ވަގުތީގޮތުން ގެއަށް ބަދަލުކުރީ ކަމުގައި މޯލްޑިވްސް ކަރެކްޗަނަލް ސާވިސްއިން ބުނެއެވެ.
ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.