ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގަން މަޝްވަރާ ކުރަމުންދާ ކަމަށް "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގަން ސަރުކާރުން ހުށަހަޅާފައި ވާއިރު ހެލްތު އޮފިޝަލުން ހުށަހަޅަނީ 14 ދުވަހަށް ފުލް ލޮކްޑައުން އަކަށް ދިއުމަށެވެ. ނަމަވެސް އަދި އެކަމަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ކުރިއަށް ދާ މަޝްވަރާތަކުގައި ލޮކްޑައުން ކުރަން ވާހަކަ ދައްކަނީ ކުރިއަށް އޮތް އީދާ ދިމާވާ ގޮތަށް 14 ދުވަހަށްކަން ވެސް ވަނީ އެނގިފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާއިރު އިއްޔެ ވެސް ވަނީ 1091 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 35،815 އަށް އަރާފައެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 9423 އަށް އަރާފައެވެ. މި ބަލިން 26،299 މީހުން ރަނގަޅު ވެފައި ވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންގެ އަދަދު ވަނީ 250 އަށް އަރާފައެވެ. މި ބަލީގައި 87 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސް ކޮންޓްރޯލުން ނައްޓާ ހިސާބަށް ގޮސްފައި ވާއިރު، އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އެގޮތުން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.

އޭގެ އިތުރުން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަމައެހެންމެ މާލެ ސަރަހައްދުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ އަންގާފައެވެ. އަދި ޓިއުޝަން ސެންޓަރުތަކާއި ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތަކުގައި ކިޔަވާ ދިނުން ހުއްޓާލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ހަމައެހެންމެ ޑޭ ކެއާ ސެންޓަރުތަކުން ދެމުންގެންދާ އެންމެހާ ހިދުމަތްތައް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.