ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވި ޖުމްލަ އަކީ 1091 ކަމަށް އެޗްޕީއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި އަދަދުތަކަކީ ސާމްޕަލް ނަގާ ނަތީޖާ ސާފުނުކުރެވި ހުރި އަދަދުތަކުގެ ތެރެއިން އައިސްފައިވާ އަދަދެއް ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެގި 1 ސާމްޕަލެއްގެ ނަތީޖާ އާއި، 1 މެއި ގައި ނެގި ސާމްޕަލް ތަކުގެ ތެރެއިން 6 ނަތީޖާއާއި، 3 މެއި ގައި ނެގި 21 ސާމްޕަލެއްގެ ނަތީޖާއާއި، 4 މެއި ގައި ނެގި 16 ސާމްޕަލެއްގެ ނަތީޖާއާއި، 5 މެއި ގައި ނެގި 153 ސާމްޕަލެއްގެ ނަތީޖާއާ، 6 މެއި ގައި ނެގި 103 ސާމްޕަލެއްގެ ނަތީޖާއާއި، 7 މެއި ނެގި 131 ސާމްޕަލެއްގެ ނަތީޖާ އާއި އިއްޔެ ނެގި 760 ސާމްޕަލެއްގެ ނަތީޖާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ޖުމުލަ އަދަދު މިވަނީ 35،815 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 9،423 މީހަކު ވެއެވެ. އަަދި ފެސިލިޓީތަކުގައި 250 މީހަކަށް ފަރުވާދެމުން ގެންދެއެވެ.

މި ތަފާސްހިސާބުން ދައްކާގޮތުގައި މާލެއިން 933 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި އަތޮޅުތެރެއިން 147 މީހަކާ، ހިންގަމުންގެން ދާ ރިސޯޓުން 6 މީހަކާ، ލިވަބޯޑުން 3 މީހަކު އަދި ހަދަމުންދާ ރަށްރަށުން 2 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދެއެވެ. އެގޮތުން މިވަގުތުވެސް ޖުމްލަ 30 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އޭގެތެރެއިން 5 ރަށެއްގައި ވަނީ ހަވީރު 4 އިން ފަތިހު 4 އަކަށް ކާފިއުވެސް ހިންގާފައެވެ.

ރާއްޖޭގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 09 އިން ފަތިހު 04 އަކަށް ކާފިއު ހިންގުމާ، ސިއްހީ ހިދުމަތް ހޯދުމަށާއި ޒަރޫރީ ބޭނުންތަކުގައި ފިޔަވާ އެހެން ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާ، ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ރާއްޖޭގައި މިހާރު ކޭސްތައް އިތުރުވަމުން އަންނީ އާ ވޭރިއަންޓްގެ ސަބަބުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.