އިތޯޕިއާއިން ރާއްޖެއައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން 3.413 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ހާމަކޮށްފައި ވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހު ރާއްޖެއައި އުމުރުން 30 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާގެ ލަގެޖްތައް ބަލައި ފާސްކުރި އިރު އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ކަސްޓަމްސް އިން އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.

ކަސްޓަމް ސާވިސް އިން އިތުރަށް ހާމަކޮށްފައި ވަނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 3.413 ކިލޯ ހުންނާނެ ކަމަށާއި އެއީ މަގުމަތީގެ އަގުން ބަލާނަމަ 10،239،000ރ އަގުހުރި މަސްތުވާތަކެތި ކަމަށެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އިނގިރޭސިވިލާތުގެ މީހާ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.