މިއަދު ވެސް ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 766 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު 766 މީހުން ޕޮޒިޓިވް ވެފައި ވާއިރު ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެ ސަރަހައްދުން 571 މީހުން ވަނި ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދުން ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވާއިރު މީހުން ދިރިއުޅޭ ރަށްރަސުން 171 މީހަކާއި ރިސޯޓުތަކުން 23 މީހަކާއި އިންޑަސްޓްރީއަލް ރަށްރަށުން 1 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
މިއަދު ޖުމްލަ ޕޮޒިޓިވްވި އަދަދު 766 އަށް އަރާފައި ވާއިރު، ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 8261 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 205 އަށް އަރާފައި ވާއިރު ޑީއެޗް11 ވަނީ ފުލްވެފައެވެ. ކޮވިޑް މަރުގެ ޖުމްލަ އަދަދު ވަނީ 82 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 34،1341 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީީހުންގެ ޖުމްލަ އަދަދު 25،782 އަށް ވަނީ އަރާފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.
އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އެގޮތުން މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.
އޭގެ އިތުރުން މިއަދުން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.