ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 82 އަށް އަރާފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރުފަހު 02:46 ހާއިރު އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެ މީހާ މަރުވެފައިވަނީ ޑީއެޗް11ގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެއެވެ.

މިއީ މިއަދު މި ބަލީގައި މަރުވި 2 ވަނަ މީހާއެވެ. ފުރަތަމަ މީހާ މަރުވެފައިވަނީ މިއަދު 07:50 ގައެވެ. އެއީ އުމުރުން 37 އަހަރުގެ ބަންގަލަދޭޝް މީހެކެވެ.

އިއްޔެ އެކަނި ކޮވިޑް ބަލީގައި 7 މީހަކު މަރުވެފައިވާ އިރު އިއްޔެ ފަތިހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަށްފަހު އިއްޔެ މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފައެވެ.

ތިން ވަނަ މީހާ މަރުވެފައި ވަނީ އއ. ރަސްދޫއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި އެމީހާ މަރުވެފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ހަތަރު ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފަސް ވަަނައަށް މަރުވެފައި ވަނީ ޅ. ނައިފަރު ކޮވިޑް ފެސިލީޓިގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 97 އަހަރުގެ އަންހެނެކެވެ.

ހަ ވަނަ މީހާ މަރުވެފައިވަނީ ރޭ 09:35ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 88 އަހަރުގެ މީހެކެވެ. އަދި ހަތް ވަނަ މީހާ މަރުވެފައިވަނީ ރޭ ދަންވަރު 03:47 ގައެވެ. އެއީ ޑީއެޗް11ގައި ފަރުވާ ދެމުންދިޔަ 60 އަހަރުގެ އިންޑީއާ މީހެކެވެ.

މިއީ އެއްދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑު ބަލީގައި މަރުވި ދުވަހެވެ. ރާއްޖޭގައި ކޮވިޑު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އިއްޔެ އެކަނިވެސް 703 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގެ ކޮވިޑު އެކްޓިވް ކޭސް މިވަނީ 7603 އަށް އަރާފައެވެ.