ކޮވިޑް-19 ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެ، ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 79 އަށް އަރައިފިއެވެ.
މިއަދު ފަސް ވަނަ މީހާ މަރުވެފައިވާ ކަން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމެވެސް އެމީހާ މަރުވީ ކޮން ފެސިލިޓީއެއްގައި ފަރުވާދެމުން ދަނިކޮށް ކަމެއް ޑރ. މުހައްމަދު އަލީ ހާމަކުރައްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ޅ. ނައިފަރުންނެވެ. އެއީ އުމުރުން 97 އަހަރުގެ އަންހެނަކެވެ. އަދި އެމީހާ މަރުވެފައިވަނީ އެރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާއެވެ.
މިއަދު ކޮވިޑް ބަލީގައި 5 މީހަކު މަރުވެފައިވާ އިރު މިއަދު ފަތިހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަށްފަހު މިއަދު މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނަކު ވެސް ވަނީ މަރުވެފައެވެ. ތިން ވަނަ މީހާ މަރުވެފައިވަނީ އއ. ރަސްދޫއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ހަތަރު ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 79 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.