އުމުރުން ދުވަސްވީ ބައެއް މީހުންގެ ތެރެއިން ކޮވިޑްގެ ފުރަތަމަ އަދި 2 ވަނަ ރާޅުގައި ބަލިޖެހުނު މީހުންގެ ފުއްޕާމޭ އަދި މުޅިން ރަނގަޅު ނުވާނެކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ އަދި ކުޑަކުދިންގެ ހައްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް ކުރެއްވި ޓްވީޓުގައި ވަނީ ބަލިޖެހިފައިތިބި ދުވަސްވީ މީހުންގެ ދިފާއީ ނިޒާމް އަދިވެސް ބަލިކަށިވާނެކަމަށާއި މި ރާޅުގައި ބައެއް މީހުން ޕޮޒިޓިވްވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. އަދި މިއީ ބިރުވެރި ކަމެއް ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވިއެވެ.

މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން ޑރ އިތުރަށް ވިދާޅުވެފައިވަނީ މިވަގުތު އޭޑީކޭގައި ޓެސްޓް ހެދުމުގެ ކެޕޭސިޓީއަކީ 1600 ކަމަށެވެ. އަދި 2000 އަށް ކެޕޭސިޓީ އިތުރުވެދާނެކަމަށްވެސް ޑރ. ނިޔާފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ދުވަހެއް ދުވަހަކަށް ބަލި ޖެހޭ މިންވަރު އިތުރުވަމުން ދިޔުމާއި ގުޅިގެން ޓެސްޓް ހަދާ ތަންތަނަށް ވެސް އަންނަނީ ވަރަށް ބާރުބޮޑުވަމުންނެވެ. ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން 734 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.